އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ބޭނުން ކުރެވުމުންދާ ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތީ މެއިންޓަނެންސްގެ މަސައްކަތް ކުރިއަށްދާތީ ސީޓީ ސްކޭންގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި މިދަނޑިވަޅުގައި އިމަޖެންސީކޮށް ކުރަން ޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗް އިން ބުނީ މެޝިންތަކުގެ މެއިންޓަނެންސްގެ މަސައްކަތް ނިމި މި ހިދުމަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އެ ހޮސްޕިޓަލުން ވަނީ ސީޓީ ސްކޭންގެ ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.