ދެ ހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ 312 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 312 މީހެކެވެ.

އޭގެ ތެރެއިން 43 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 222 މީހެކެވެ.

އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު، އެ ހަފްތާ އެއްވެސް މީހަކު ކޮވިޑްގައި ނިޔާވެފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް މަދުވެފައިވާއިރު، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ.

ރާއްޖެއިން މިހާތަނަށް 179،483 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.