ލާމަސީލު ލާމު ސްލޫކް ތަކުގެ ފުރަތަމަ ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަހުރުވެރި 1 ވަނަ ލ.އިސްދޫ ސްކޫލުން ހޯދައިފިއެވެ.

މި މުބާރާތުގެ 2 ވަނަ ޙަމަދު ބިން ޙަލީފާ އާލްޘާނީ ސްކޫލުން ހޯދާފައިވާއިރު މުބާރާތުގެ 3 ވަނަ ސްކޫލެއްގެ ގޮތުގައި ހޮވިފައިވަނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި ހިނގާ އޮކްޓޫބަރު މަހުގެ 26 އިން 27 އަށް ކުރިއަށްގެންދިޔަ މި މުބާރާތް ބާއްވާފައިވަނީ އިސްދޫ ކައުންސިލުގެ އެހީތެރިކަމާއިއެކު ލ. އިސްދޫގައެވެ.

2 އުމުރު ފުރާއަކަށް ބަހާލައިގެން 14 އަހަރުން ދަށާއި 14 އަހަރުން މަތީގެ ބައިގައި ދަރިވަރުންނަށް ވާދަކުރެވޭގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ލ. އަތޮޅުގެ 10 ސްކޫލަކުން ޖުމްލަ 119 ދަރިވަރުން ވާދަކޮށްފައިވެއެވެ. މި މުބާރާތުގައި ދަރިވަރުން ބައިވެރިކޮށްފައިވަނީ ލ.އިސްދޫ ސްކޫލް، ލ.އިސްދޫ ކަލައިދޫ ސްކޫލް، ލ.ދަނބިދޫ ސްކޫލް، ލ.އަތޮޅު މަދަރަރުސާ، ލ.މުންޑޫ ސްކޫލް، އިހައްދޫ ސްކޫލް، ޙަމަދު ބިން ޙަލީފާ އާލްޘާނީ ސްކޫލް، ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި ލ.މާވަށު ސްކޫލުގެ އިތުރުން ލ.މާމެންދޫ ސްކޫލުންނެވެ.

ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވުނު މި މުބާރުގެ އެކިއެކި ވަނަ ތަކަށް ހޮވުނު ދަރިވަރުންނަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ތައްޓާއި ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަދި ދިވެހި ބަހުގެ އެކެޑަމީން ހުށަހެޅި ތަށި ދީފައިވާއިރު މުބާރާތުގެ 1ވަނަ،2ވަނަ އަދި 3ވަނައަށް ހޮވުނު ސްކޫލްތަކަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ތައްޓާއި ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ދީފައިވެއެވެ.

މި މުބާރާތައް އިސްދުއަށް ދިޔަ ދަރިވަރުންނަށާއި ސްކޫލުތަކުގެ މަންދޫބުނަށާއި އަތޮޅު ކައުންސިލުގެ ރައީސް އިސްމާއީލް ޢަލީ އާއި އަތޮޅުގެ އެހެނިހެން އިއްޒަތްތެރިންނާއި އަތޮޅު ކައުންސިލުގެ މެންބަރުންނަށާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ.އަސްރަފު ޢަބުދުއްރަޙީމަށް އިސްދޫ ކައުންސިލާއި ސްކޫލާއި ރައްޔިތުންނާއި މުވައްސަސާތަކުންވަނީ ވަރަށް ހޫނު މަރުޙާބާއެއް ކިޔާފައެވެ.